ހިދުމަތުގައި ރަން 40 އަހަރު – އަޙްމަދު ޢަބްދުﷲ

ދިވެހި ސަރުކާރުގެ ހިދުމަތުގައި 40 އަހަރާއި 7 މަހާއި 19 ދުވަހު ހިދުމަތްކުރެއްވި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ މުސްކުޅި ކުރެއްވުމާއިގުޅިގެން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ އިންތިޒާމުކޮށްފައިވަނީ ނެއްލައިދޫ ކައުންސިލުންނެވެ. އެގޮތުން ނެއްލައިދޫގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ދައުވަތު ދީގެން ބޭއްވުނު މި ހަފްލާ ބާއްވާފައިވަނީ ނެއްލައިދޫ ސްކޫލްގެ ހޯލްގައެވެ. އަދި މި ހަފްލާގައި އަޙްމަދު އަބްދުﷲގެ އާއިލާގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަލްފާޟިލް އަޙްމަދު ޢަބްދުﷲގެ ހިދުމަތުގެ މައްޗަށް ތައްޔާރުކުރެވުނު ރިޕޯޓަށް ޖެހިލަމާ ހިނގާށެވެ.

20 އޮކްޓޯބަރ 1962 ވީ ހޮނިހިރު ދުވަހު ހދ ނެއްލައިދޫ އަސުރުމާގެއަށް އުފަން އަލްފާޞިލް އަހުމަދު އަބުދުﷲ އަކީ ހދ ނެއްލައިދޫ އަސުރުމާގެ އަބުދުﷲ މުޙައްމަދާއި މަރިޔަމް އާދަމަށް ލިބިފައިވާ 8 ދަރިންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ. އާއިލާގެ އެހެން މެމްބަރުން ފަދައިން، އަހުމަދު އަބުދުއްﷲގެ ވެސް އެންމެ ފުރަތަމަ ތައުލީމީ ދަންމަރުގެ ވޮށްކޮޅު ދިއްލާލީ މަންމަގެ އުނގުންނެވެ. މައިންބަފައިންގެ އޯގާތެރިކަމާއެކު އުފާވެރި ޅަފުރާގެ ދައުރު ހޭދަކުރެއްވީ  މައިންބަފައިން ގާތުގައެވެ. އުމުރުން ހަ އަހަރުގައި ނެއްލައިދޫ މަކުތަބުގައި ތައުލީމު ހާޞިލްކުރަންފެށިއެވެ. ނެއްލައިދޫ މަކުތަބުން ހާއްޞަ ކުލާސް 1 އަދި 2 ނިންމުމަށްފަހު 1972 ވަނަ އަހަރު ފިނޭ ސުކޫލުން ތައުލީމު ހާޞިލްކުރިއެވެ. އޭގެފަހުން އާއިލީ މަސައްކަތުގެ ތެރެއަށް ނިކުމެވަޑައިގެން މައިންބަފައިންނަށް އެހީތެރިވެދީ، ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރުމުގައި އާއިލާއާއެކު އުޅުއްވިއެވެ. ދަނޑުހެއްދުމާ ދަރުކޮށުމަކީ އެދުވަސްވަރު މައިންބަފައިން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްކަމުން، އަހުމަދު އަބުދުﷲ ވެސް އެ މަސައްކަތުގައި ހީވާގިކަމާއެކު އުޅުއްވިއެވެ. އެއަށްފަހު 1978 ވަނަ އަހަރު މާލޭ އިންގްލިސް ސުކޫލުން ގުރޭޑު 5 ކިޔަވާވިދާޅުވިއެވެ. މާލެ ބަދަލުވުމާ ހަމައަށްވެސް އަހުމަދު އަބުދުﷲ ފާހަގަކުރެވިފައިވަނީ ކިޔެވުމަށް ޝައުޤުވެރި، ހިތްވަރާއެކު އިލްމު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރެއްގެ ގޮތުގައެވެ. ކުލާހުންވެސް އެންމެ މަތީ ތަރަޖައިން ފާސްވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

1987 ވަނަ އަހަރުގެ ޖުލައި މަހު، މާލޭގައި ފެށުނު އާއިލާ އެހީތެރިން ތަމްރީނުކުރާ ކޯހެއްގައި ބައިވެރިވެ، އެ ކޯހުން އެއްވަނަ ދަރަޖައިގައި ފާސްވެވަޑައިގެން، 1 މެއި 1979 ވަނަ އަހަރު ރަށަށް ވަޑައިގެން ރަށަށް ޚިދުމަތްދެއްވަން ފެއްޓެވިއެވެ. ރަށުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ރަށު އޮފީހުގައިކަމުން ރަށު އޮފީހުގެ ގިނަ އިދާރީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިވަޑައިގެންފައެވެ. 1983 ވަނަ އަހަރުގެ އޮކްޓުބަރ މަހުގެ 15 ވަނަ ދުވަހު ނެއްލއިދޫ ކުޑަކަތީބު ކަމުގެ މަޤާމަށް އަހުމަދު އަބުދުﷲ އައްޔަންކުރެވުނެވެ. ރަށުގެ ކުޑަކަތީބުކަމުގެ މަޤާމުގައި 17 އަހަރު ހޭދަކުރެއްވުމަށްފަހު ރަށުގެ ކަތީބު ކަމާ ހަވާލުވެ ވަޑައިގަތީ 2000 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

އަދި 2011 ވަނަ އަހަރު ކަތީބުކަމުގެ ނަން އެސިސްޓެންޓް ޑިރެކްޓަރގެ ނަމަށް ބަދަލުކުރެވި ޒިންމާދާރު އިސްވެރިޔާގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. 2019 ވަނަ އަހަރު އަމިއްލަފުޅަށް ބޭނުންފުޅުވެވަޑައިގެން ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުކާރަށް 40 އަހަރުގެ ދިގުމުއްދަތަކަށް ވަނީ ހިދުމަތްކުރައްވާފައެވެ.

އަހުމަދު އަބުދުﷲ ފާހަގަކުރައްވާ ގޮތުގައި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވަރަށްގިނަ ކާމިޔާބީތައް ހާސިލްކުރެވިފައިވާކަމަށާއި، އެންމެ ބޮޑު ކާމީޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވަނީ ކިޔަވާވިދާޅުވި ކޮންމެ ކޯހަކުން އެއްވަނަ ދަރަޖައިގައި ފާސްވުންކަމަށެވެ. ވަޒީފާ އަދާކުރެއްވިއިރު ގޮންޖެހުމެއް ކުރިމަތި ވެވަޑައިނުގަންނަވާކަމަށާއި ވަޒީފާއެއްގައި އުޅޭނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ދަނެގެން ވަޒީފާގައި ކުރިއަށްދާނަމަ ގޮންޖެހުމަކީ މާ ބޮޑުކަމަކަށް ނުވާނެކަމަށް އަހުމަދު އަބުދުﷲ ފާހަގަކުރައްވައެވެ. އަހުމަދު އަބުދުއްﷲ އާއެކު މަސައްކަތް ކުރެއްވި ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަކީ އެއްއިރެއްގައިވެސް ބޮޑުކަމަކަށް ނުވާކަމަށާއި ހިކުމަތްތެރިކަމާއެކު ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވަނީ ކެތްތެރިކަމާއެކުގައިކަމަށެވެ.

މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކަކީ މިއަދުގެ ކުދިންނަށް ނުހަނު ރަނގަޅު ބޮޑެތި ފަސޭހަތަކެއްކަމުގައި އަހުމަދު އަބުދުﷲ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީގައި މުވާސަލާތުކުރުމުގެ ދަތިކަން ހުންނަގޮތް ހިއްސާކުރައްވަމުން ވިދާޅުވީ އަތޮޅު އޮފީހުން ފޮނުވާ މެސެޖްތައް ނަގަން ދާންޖެހެނީ ވޯކީޓޯކީ ހިފައިގެން ރަށުގެ ގޮޑުދޮށަށް ކަމަށާއި ވިއްސާރަވެ ވައިގަދަ ދުވަހެއްނަމަ ރޭންޖް ނުލިބި ވަރަށް ގިނަވަގުތު ހޭދަކުރަންޖެހޭ ކަމުގައެވެ. އަދި މިކަމުގެތެރޭން އެންމެ ހަނދާންވާ ދުވަހެއްކަމުގައި ފާހަގަކުރެއްވީ، ހަނދާންނެތިގެން ފޮތްނުލާ ދެވުމުން ބިންމަތީގައި މެސެޖް ލިޔުމަށްފަހު ފޮތް ބަލައި އަންނަން ޖެހުނުދުވަހެކެވެ.

އަހުމަދު އަބުދުﷲ އަކީ ރަށުގެ ތަރައްޤީއާއި ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ވެސް ފުޅާ ދާއިރާއެއްގައި ބައިވެރިވާ ފަރާތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. ރަށުގައި މިހާތަނަށް ހިންގުނު ތަރައްޤީގެ ކޮންމެ މަސައްކަތެއްގައި އަހުމަދު އަބުދުﷲގެ ދައުރު ވަރަށްވެސް ބޮޑެވެ.  ރަށުގައި އެންމެ ފުރަތަމަ އުފެދުނު ޖަމިއްޔާ ނެއްލައިދޫ އެކުވެރިންގެ ދިރުމުގެ ފައުންޑަރ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ޖަމިއްޔާގެ ފަރާތުން ކުރެއްވި ގިނަ މަސައްކަތްތަކެއްގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމުގައި އެ ޖަމިއްޔާގެ ސެކެޓްރީޖެނެރަލް ފާހަގަކުރައްވައެވެ. އެގޮތުން ރަށު ފެންވަރުގައި ބޭސްފިހާރައެއް އެޅުމާއި އާންމުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުމާއި ސުކޫލުގައި ފާހާނާ ބަރިއެއް އެޅުން ހިމެނެއެވެ. މި ކޮންމެ ކަމެއްގައިވެސް އަހުމަދު އަބުދުﷲ އުޅުއްވީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. ރަށުގެ ކުޑަކަތީބުކަމާ ހަވާލުވުމަށްފަހުވެސް ރަށުގެ ތަރައްޤީއަށް ޓަކައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއްގައި އަހުމަދު އަބުދުﷲ ހިންމަތާ މިންނަތާއެކު ރައްޔިތުންނާއެކު ސާބިތުވެ ހުންނެވިއެވެ. ރަށު ތެރޭން މިއަދު މިފެންނަމުންދާ ކަރަންޓުގެ އަލިކަން މިއަދު މިދެކޭ ގޮތަށް ބަދަލުކުރެއްވުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ބުރަ ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އަހުމަދު އަބުދުﷲއާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާ ގިނަ މުވައްޒަފުން ފާހަގަކުރައްވާ ގޮތުގައި އަހުމަދު އަބުދުﷲ އަކީ ޝައުޤުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނަ ހަރުދަނާ ލީޑަރެކެވެ. ހިންގުންތެރި މުރާލި ވެރިއެކެވެ. ކަތީބުކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް ރަށުގެ ތަރައްޤީއަށް ޓަކައި ރައްޔިތުންނާ ގުޅިގެން ގިނަމަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ރަށު ސުކޫލުގައި ގުރޭޑު 8 އުފެއްދުމަށް ރައްޔިތުންނާގުޅިގެން ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. ޒިންމާދާރުވެރިޔާގެ މަޤާމުގައި ހުންނެވިއިރުވެސް ފާހަގަކުރެވުނީ ރަށުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދެއްވިތަނެވެ.

މިޒާޖުގައި މަޑުމައިތިރިކަމެއް ހުންނަ އަހުމަދު އަބުދުﷲ އަކީ ރައްޓެހިންގެ ތެރޭގައި ސަކަ މަޖާ މިޒާޖެއްގެ ވެރި ބޭފުޅެކެވެ. ރައްޓެހިންނާ ގާތް ގުޅުމެއް ބާއްވަވާ އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އާއިލާގެތެރޭގައިވެސް ދަރިންނާ ގާތްގުުމެއް އުފައްދަވާ ހުރިހާ ދަރިންގެ ލޯބި ލިބިވަޑައިގެންފއިވާ ބޭފުޅެކެވެ. ހދ. ނެއްލައިދޫ ސާރާޒް ސަމީރާ ހަސަނާ ކައިވެނި ބައްލަވައިގެން ހުންނެވިއިރު 2 ފިރިހެން ދަރިންނާއި 5 އަންހެން ދަރިން އަދި 7 ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.

އަދުގެ ޒުވާނުންނަށާއި ވަޒީފާއަދާކުރާ އެންމެހާ ފަރާތްތަކަށް އަހުމަދު އަބުދުﷲ ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ވަޒީފާއަކީވެސް ބުރަ ވަޒީފާއެއްކަމަށާއި، ވަޒީފާއެއް އަދާކުރަންވާނީ ޝައުޤުވެރިކަމާއި އިޙުލާޞްތެރިކަމާއެކުގައި ކަމުގައެވެ. ނޫންނަމަ ވަޒީފާ ދޭފަރާތަށް ގެއްލުންލިބި ޚިދުމަތް ހޯދާފަރާތްތަކަށްވެސް އެކަމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމުގައެވެ.

މި ހަފްލާގައި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޡިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އަލްފާޟިލް އަޙްމަދު އަބްދުﷲ ކުރެއްވި އަގުހުރި ހިދުމަތްތަކުން އިބްރަތް ހާސިލްކޮށް  ހުރިހާ މުވައްސަސާތަކުގެ މުވައްޒަފުންވެސް ކުރިއަށް ދިއުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިހަފްލާގައި ހާޞިރުވެ ތިބި ހާޞިރީންނަށް ޝުޢޫރު ފާޅުކުރުމަށް ވަނީ ފުރުސަތު އަރުވާފައެވެ. އެގޮތުން ބައެއް މުއައްސަސާތަކުގެ ވެރިން ވަނީ އެބޭފުޅުންގެ ޝުޢޫރު ފާޅުކޮށްފައެވެ. ހަފްލާ ނިންމާލީ ހާއްސަ ޖާފަތަކާއެކުއެވެ.

އަހުމަދު އަބުދުﷲ  ރައްޔިތުންނަށް ޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެކެވެ. ކުރެއްވި އެންމެހާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރާ ހާލު ނެއްލައިދޫ ކައުންސިލުން އަބަދުވެސް އަހުމަދު އަބުދުﷲއަށް އެދެނީ ފަހިކަމާ ފާގަތިކަމެވެ. މާތް ﷲ އަހުމަދު އަބުދުﷲ އަށް އުފާވެރިކަން މިންވަރުކޮށްދެއްވާށި! އާމީން

 

Leave a Reply

Your email address will not be published. Required fields are marked *