މަސްވެރިންގެ ދުވަސް މަސްރޭހަކުން

ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބާއްވައިފިއެވެެ. އަލްމަރްޙޫމް އަބްދުއްޞަމަދު ޢަލީގެ ހަނދާނުގައި މި މަސްރޭސް ބާއްވާފައިވަނީ ނެއްލައިދޫ ކައުންސިލާއި އެންމަސް އެމްވީ ގުޅިގެންނެވެ. އެގޮތުން މި މަސްރޭހުގައި ޖުމުލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ނެއްލައިދޫއަކީ މަސްވެރިކަމުން ރަންވަނަ ތަކެއް ހޯދާފައިވާ ރަށެކެވެ. އަދި މިފަހަރުގެ މަސްރޭސް ހާއްސަ ކުރެވިފައިވާ އަލްމަރުޙޫމް އަބްދުއް ޞަމަދު ޢަލީ އަކީ ހދ. ނެއްލައިދޫއަށް އުފަން، މަސްވެރިކަމުގެ ދާއިރާއިން މެދުކެނޑުމެއްނެތި 70 އަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އަލްމަރްޙޫމް އަބްދުއްޞަމަދު ޢަލީ އަކީ މަސްވެރިކަމުގެ ދާއިރާއިން ރައީސް އިބުރާހިމް ނާސިރުގެ ވެރިކަމުގައި ދެއްވި “އެންމެ ގިނައިން ފުރުން” އެވޯޑް އަދި އަލް އުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ދެއްވި “އެންމެ ގިނައިން މަސްބޭނި” އެވޯޑް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1993 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ ސަނަދު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެންމަސް އެމްވީއާއި ނެއްލައިދޫ ކައުންސިލް ގުޅިގެން އަލްމަރުޙޫމް އަބްދުއް ޞަމަދު ހަނދާނީ މަސްރޭސް 2019 ގެ ނަމުގައި މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ 2019 ޑިސެމްބަރ 10 ވީ އަންގާރަ ދުވަހުއެވެ. މި މަސްރޭހުގައި އެއްވަނައަށް ހޮވުނު ޓީމަށް 3000ރ ގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ދީފައިވާއިރު ދެވަނަ އަށް ހޮވުނު ޓީމަށް 2000ރ އަދި ތިންވަނަ އަށް ހޮވުނު ޓީމަށް 1000 ރުފިޔާ ވަނީ ދީފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކެޔޮޅާއި އެންމެ ބަރުމަސް ބާނާ ފަރާތެއް ހޮވާ ޓްރޮފީއާއި އިނާމް ވަނީ ދީފައެވެ. އެގޮތުން އެންމެ މޮޅު ކެޔޮޅަކަށް ހޮވިފައިވަނީ ހދ.ނެއްލައިދޫ ސެވީނާ އިބްރާހީމް ޔޫސުފެވެ. އަދި  މަސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު 3 ފަރާތަކަށް ކައުންސިލުން ވަނީ ދިފައެވެ. އެގޮތުން މި އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު ޔޫސުފް، އިބްރާހީމް އަބްދުއްރަޙްމާން (ސްނޯވައިޓް) އަދި އަޙްމަދު ސަލީމެވެ. އަދި މަސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމުވެސް 3 ފަރާތަކުން ވަނީ ހާސިލުކޮށްފައެވެ. މި އިނާމު ހާސިލުކޮށްފައިވަނީ އަބްދުލްޢަޒީޒް ޙުސައިން، މުޙައްމަދު އިބްރާހީމް (ސާޒު) އަދި ޢަލީ ޙުސައިން (ސަނީޑޯލް) އެވެ.

ނެއްލައިދޫ އަކީ މަސްވެރިކަމުގެ އެކި ދާއިރާތަކަުން ނަފާ ހޯދަމުން އަދި ރަށުގައި ތިބެގެން މަސައްކަތް ކުރަމުން އަންނަ ޒުވާނުން ގިނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ފުރުސަތުތައް ފަހުިވުމުގައި ކޮންމެވެސް ފަރާތެއް ނުވަތަ ފަރާތްތަކެއްގެ ބައިވެރިވުންވެސް އޮންނާނެކަމާމެދު ޝައްކެއްނެތެވެ. އެގޮތުން މަސްވެރިކަމުގެ ރޮނގުން ނެއްލައިދޫއަށް ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ އިނާމު އެންމަސް އެމްވި އިންވަނީ ދީފައެވެ. އެގޮތުން މި އިނާމު ހާޞިލުކޮށްފައިވަނީ ހދ.ނެއްލައިދޫ ތަނޑިރަތްމާގެ ޢަލީ ޒީޔާދެވެ. ޢަލީ ޒިޔާދަކީ ނެއްލައިދޫގައި ފާނަ މަސްވެރިކަން ފަށާ އެމަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އަދި ލަނޑާ މަސްވެރިކަމުގައިވެސް އެންމެ ގިނަދުވަސްވީ އެއްފަރާތް ކަންވެސް ފާާހަގަކޮށްލަމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *